އިތުރު ޑްރެޖަރެއް ގެނެސް ބާރު ސްޕީޑުގައި ރަސްމާލެ ހިއްކުން ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
އެޗްޑީސީން މިއަދު ވަނީ ރަސްމާލޭގެ މަސައްކަތް ދާ ގޮތް ނޫސްވެރިންނަށް ދައްކާލާފައެވެ.
އެޗްޑީސީން މިއަދު ބުނީ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމަށް އިތުރު ޑްރެޖަރެއް ގެނެސް މި ހަފްތާގެ ތެރޭގައި ބާރު ސްޕީޑްގައި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ނަމަވެސް މިހާތަނަށް އައިއިރު ހިއްކުނީ މި މަޝްރޫއުގެ %12.84 ބިމެވެ.
“އެ މަޝްރޫޢު އަވަސްކުރުމަށް ބިން ހިއްކާ ޑްރެޖަރު ރާއްޖެ ގެނެސް މިހާރު ކަސްޓަމްސް ކްލިއާ ކުރުމުގެ މަރުހަލާ ނިމި، މި ހަފްތާގެ ތެރޭގައި އެ ބޯޓު ރަސްމާލެ ސަރަހައްދަށް ގޮސް ބިން ހިއްކަން ފަށާނެ“ އެޗްޑީސީން މިއަދު ބުނެފައި ވެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައި ވަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުން ކަމަށާއި އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
“ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މަހު ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައި“ އެޗްޑީސީން ބުނެފައި ވެއެވެ.
އަދި ބިން ހިއްކަން ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށް ބަންޑް ވޯލް ޖަހަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
އެ ކުންފުނިން ރަސްމާލެ ސައިޓް ”ސ“ އަދި ”އީ“ އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ހާމަކުރެެއެވެ.
މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢު ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
މިގޮތުން ރަސްމާލޭގައި 26،000 ފްލެޓާއި 11،000 ގޯތި ދިނުމަށް ޕްލޭންގައި ހިމެނެއެެވެ.



