ގެވެށި އަނިޔާއާއި ޖިންސީ އަނިޔާ ހުއްޓުވުމަށް“އެކުއެކީ“ ނަމުގައި ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވަން ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައި ވަނީ އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެންނެވެ.
އެ މިނިސްޓްރީން މިއަދު ބުނީ“އެކު އެކީ“ ނަމުގައި ގެވެށި އަދި ޖިންސީ އަނިޔާ (ޑީވީ އެންޑް ޖީބީވީ) ހުއްޓުވުމަށާއި، ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމަޢުގައި ހޮޔޮ ބަދަލުތައް ގެނައުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ޒުވާނުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮގަސްޓް 24 އިން 28 އަށް ކުޅުދުއްފުށި ސިޓީގައެވެ.
މިގޮތުން އެ ޕްރޮގްރާމުގައި، ހދ.ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން ބުނީ އެ ރަށްތަކުގެ ޒުވާނުންގެ ތެރެއިން އުމުރުން 18 އަހަރާއި 25 އަހަރުގެ އުމުރުފުރާގެ ކޮންމެ ފަރާތަކަށްވެސް އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.
“މި ޕްރޮގްރާމުގެ ތެރެއިން، ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދެވޭނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ، މި ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމަޢުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި މުޢާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ޚާއްޞަ ފުރުޞަތަކަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް، ދަތުރުފަތުރު، ކެއުން އަދި ހުރުމުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދޭނެއެެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ނިމުމުން، ބައިވެރިންނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ހިންގުމުގެ ސެޓްފިކެޓް ދޫކުރާނެ ކަމަށެވެ.
“މިކަމުގެ ސަބަބުން ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢު އިތުރަށް ރައްކާތެރި އަދި ގުޅުން ބަދަހި ތަނަކަށް ހެދުމަށް މަގުފަހިވެގެންދާނެ“ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް 19 އޮގަސްޓް ވާ އަންގާރަގެ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.



