ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހ. މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ 2026ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ.
އެގޮތުން މިކަން ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ސޮއިކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އިތުރު 38 ރަށެއްގެ ޖިމް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރުއެވެ.



