ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިމަންދޫއަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމަންދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، އެއަތޮޅު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.



