ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެމްއޭސީއެލާއި ހަވާލުކޮށްފިއެވެ.
ހ. މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއުއެވެ.
މި އެއްބަސްވުންތަކާއި ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ, ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ކަމަށްޓަކައި މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މި މުހިންމު ވައުދުފުޅު ފުއްދެވުމުގައި އެމްއޭސީއެލް ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ސްޕޯޓްސް މިނިސްޓްރީން މިހާތަނަށް ވަނީ 87 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.



