ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ހިމަންދޫ ސްކޫލްގެ އައު އިމާރާތުގެ ބޭނުންކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު ހިމަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުންފެށެންވާއިރަށް ހިމަންދޫ ސްކޫލްގެ ކްލާސްރޫމް އިތުރުކުރުމަށް ހަދަމުންދާ ޢިމާރާތް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ހިމަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި މި ހިނގާ ދިރާސީ އަހަރުގެ ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި، ކިޔެވުންފެށުމަށް ވާންޖެހޭ ހުރިހާތައްޔާރީތައް ފުރިހަމަކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރަށް އިމާރާތުގެ ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން ހިމަންދޫ ޞިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބޭނުންކުރަން މިއަދު ފެށިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ތަނުގައި ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ވަނީ، އެ މަސައްކަތްކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާ، އެ މަސައްކަތާއި އެކީ ބަނދަރުގެ ނެރުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރުތެރޭގައި މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް ކޯޓްއެޅުމުގެ ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަފުޅު ދައްވަކަމުން، އެ މަނިކުފާނު ވަނީ، މި އަހަރު ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައި، އަންހެނުންނަށް ޚާއްޞަކޮށް އިންޑޯ ޖިމެއް އަޅައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.



