ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އއ. މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮހު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ހުއްޓިފައިވާ ސްކޫލް މަޝްރޫޢު އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވައި، ޞިއްހީމަރުކަޒުގެ އިމާރާތުގައި މިހާރުހުރި ގޮންޖެހުންތަކަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ މާޅޮހުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރައްވައި އެކަމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަރިއަތޮޅު ރަންފަރު ރަށުގެ އިޙުތިސާސްގެ ތެރޭގައި ހިމަނައިދެއްވާފައިވާތީ ކައުންސިލުން ވަނީ ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



