އއ. މާޅޮހުގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
އެ ޚިދުމަތް އިފްތިތާހްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅޮހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މިއީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާއި ޙަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ.
މާޅޮހުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.
މި މަޝްރޫޢުގެ ތެރެއިން ބޯ ހޯލް އެޅުމާއި، ވާރޭ ފެން ރައްކާކުރާ ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށް، އެޑްމިނިސްޓްރޭޝަން ބިލްޑިން ވަނީ އަޅާފައެވެ.
އަދި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބަހައްޓައިދީ ނަރުދަމާގެ ޕަންޕްސްޓޭޝަން ބަހައްޓައި މުޅި ރަށުގައި ނަރުދަމާ ހޮޅި އަޅައި، ސީ އައުޓް ފޯލްވަނީ އަޅާފައެވެ.
މީގެ އިތުރުން ގޭބީސީތަކާއި ނަރުދަމާނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައިވަނީ ބަހައްޓާފައެވެ.



