އއ.މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ޙަވާލުކޮށްފިއެވެ.
އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން މިކަމަށްޓަކައި މާޅޮހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ކޮންްސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
މިއީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން 53.8 މިލިޔަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައި ވަނީ 730 ދުވަސްތެރޭ ނިންމާގޮތަށެވެ.



