މި ފެށޭ ހަފްތާ ބަންދާހަމައަށް މާލެ ސަރަހައްދަށް ވިއްސާރަ ކުރާނެ ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ލަފާކޮށްފިއެވެ.
މާލެ ސަރަހައްދާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިއަދު ހެނދުނުން ފެށިގެންވަނީ ކޮންމެވެސް ވަރަކަށް ވާރޭވެހި ވިއްސާރަކޮށްފައެވެ. އެހެންނަމަވެސް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެއްވެސް ހިސާބަކަށް މޫސުން މާ ގޯސްވެދާނެ ކަމަކަށް ލަފާނުކުރެވޭ ކަމަށެވެ.
ނަމަވެސް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވިލާގަނޑުގައި ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ލަފާކުރެއެވެ. ވާރޭވެހުނު ނަމަވެސް، އުދައިގެ އެއްވެސް އަސަރެއް ރަށްރަށަށް ކުރާނެކަމަށް ލަފާނުކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ބުނި ގޮތުގައި ރޭ އެއްކޮށް ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވެ ވިއްސާރަކުރިއެވެ.
މިއަދުގެ މޫސުން ލަފާކޮށް މެޓުން ބުނި ގޮތުގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ. މެދުރާއްޖެތެރެއަށް ވިއްސާރަކުރި ނަމަވެސް އުތުރުގެ ރަށްތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި ދޭއް ނުވަތަ ހަތަރު ފޫޓު ހުންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.



