ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މި ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖުމްލަ 27 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ 46 ގަޑިއިރުގެ މަސައްކަތް ކަމަށް މަޖިލީހުން ހާމަކޮށްފައިވެއެވެ.
މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ. އެގޮތުން، ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 127 ކޮމިޓީ ބައްދަލުވުންތައް ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން ދެވަނަ ދައުރުގައި ވަނީ މިހާތަނަށް މަޖިލީހުގައި ނުނިމިހުރި ބައެއް މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފައެވެ.
އެގޮތުން މަޖިލިހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންގޮސްފައިވެއެވެ. އޭގެތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
މަޖިލިހުގެ ދެވަނަ ދައުރުގައި ނިންމާފައިހުރި މުހިންމު ބިލްތައް:
° ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
° ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
° ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
° މޯލްޑިވްސް އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
° އިންޝުއަރެންސްގެ ބިލު
° ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މީގެއިތުރުން މި ދައުރުގެ ތެރޭގައި ވަޒީރުންނާ ކުރެއްވުމަށް މެންބަރުން ވަނީ 77 ސުވާލު ހުށަހަޅުއްވާފައެވެ. ނަމަވެސް ދައުރު ނިމުނުއިރު މަސައްކަތް ނިމިފައިވަނީ 8 ސުވާލުގެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ ދެން އޮންނާނީ އެއް ދައުރެވެ. އެ ދައުރުގެ މަސައްކަތް ފެށޭނީ އަންނަ އޮކްޓޯބަރު މަހުގައެވެ. ދައުރު ނިންމާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.




