އއ. ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިދެއްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މިދިޔަ ޑިސެންބަރުމަހު އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އަދި އޭގެ 8 މަސްދުވަސް ފަހުން އެ ވައުދު ފުއްދަވައި މިހާރު މިވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާފައެވެ.
އއ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ މިއަދު ތޮއްޑޫއަަށް ވަޑައިގެން އެރަށުގައި ބީއެމްއެލް ބްރާންޗުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ބީއެމްއެލްގެ ސީއީއޯގެ އިތުރުން ތޮއްޑޫ ކައުންސިލްގެ ރައީސްއެވެ.
ތޮއްޑޫގައި ޑޮލަރ އޭޓީއެމްއެއް ހުޅުވުމަށް ސަރުކާރުން ނިންމެވީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، ލޯކަލް ޓޫރިމަށް އިސްކަންދޭ ރަށަކަށްވާތީއެވެ. ކުރިއަށް އޮތްތަނުގައިވެސް ތޮއްޑޫއަށް ގިނަ ޓޫރިސްޓުން އަންނާނެތީ ރަށުގައި ތިބެގެން ރައްޔިތުންނަށް ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖެހުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.




