ކެއްސާތީ ބޭނުން ކުރުމަށް ރާއްޖެ އެތެރެކޮށް، ވިއްކަމުން އަންނަ ކޮފްސީ ސިރަޕް ރާއްޖެއެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެ ބޭސް ވިއްކުން މަނާކޮށްފައެވެ.
ނަމަވެސް އެ ބޭހުގެ ޓެސްޓްތަކެއް ހެދުމަށްފަހު ފަހުން ވަނީ އެ ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.
އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރު ކުރަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖެ އެތެރެކުރާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.
އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
މީގެ އިތުރުން އެއްވެސް ފާމަސީއެއްގައި އެ ބޭސް ވިއްކަން ހުރި ނަމަ، ނައްތާލަން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.



