އއ. ރަސްދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރަސްދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.
މިއީ ޗައިނާގެ ހިލޭ އެހީގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ’ޓާން ކީ ޕްރޮޖެކްޓް‘ އެއްގެ ގޮތުގައެވެ. އެހެންކަމުން އެ މަސައްކަތުގެ ދަށުން ވަށާފާރު ރާނައި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދައި، އެއާކޮންޑިޝަން ވެސް ކުރާނެ އެވެ.
ކައުންސިލް ޢިމާރާތްތައް ތަރައްގީ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މިގޮތުން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 55 ކައުންސިލްގެ އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އާރުސީސީއާއެވެ.




