އއ.ރަސްދޫގައި ޕާސްޕޯޓް ޚިދުމަތާއި އައީޑީކާޑްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ރަސްދޫގައި ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެ ޚިދުމަތްތައް ފަށްޓަވާދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާންއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ބުނީ އައިޑީ ކާޑުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފެށުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
އަދި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުނެފައި ވެއެވެ.
ރަސްދޫގައި އައިޑީކާޑްގެ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު ޕާސްޕޯޓުގެ ޚިދުމަތްވެސް މިއަދު ވަނީ ތައާރަފުކޮށްފައެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.



