އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިއީ އއ. އަތޮޅު ތައުލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިމާރާތްކުރާ 3 ބުރީގެ އިމާރާތެކެވެ.
އެ ތަޢުލީމީ މަރުކަޒުގެ އައު އިމާރާތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ރަސްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވިި ރަސްމިއްޔާތުގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ.އިސްމާޢީލު ޝަފީީޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
މި ރަސްމިއްޔާތުގައި ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުގެ ތެރެއިން އއ.އަތޮޅު ތައުލީމީ މަރުކަޒުގައި ކޮމްޕިއުޓަރ ލެބަކާއި، ޕްރެޔަރ ރޫމްއެއް އަދި ލައިބްރަރީއެއްވެސް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.




