4 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ފަށާފައިވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫޢު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ.
ކުނި މެނޭޖުކުރާ މަރުކަޒު އަޅަން ހަމަޖެހިފައި ވަނީ ކ. މާފުށްޓާއި ކ. ތުލުސްދޫގެ އިތުރުން އދ. މަހިބަދޫ އާއި އދ. ހަންޏާމީދޫގައެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރުންނާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ މިއަދެވެ.
އެގޮތުން ކ. ތުލުސްދޫ އަދި ކ، މާފުށީގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
މި ދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 5,817,947.70ރ (ފަސްމިލިއަން އަށްލައްކަ ސަތާރަހާސް ނުވަސަތޭކަ ސާޅީސް ހަތް ރުފިޔާ ހަތްދިހަ ލާރި) އެވެ.
އަދި އދ. މަހިބަދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 4,269,446.82ރ (ހަތަރު މިލިއަން ދެލައްކަ ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ސާޅީސް ހަ ރުފިޔާ އަށްޑިހަ ދެ ލާރި)އެވެ.
މީގެ އިތުރުން އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުުރުމަށް ހަވާލުކޮށްފައިވަނީ އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
150 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 4,697,103.38ރ (ހަތަރު މިލިއަން ހަލައްކަ ނުވަދިހަ ހަތްހާސް އެއްސަތޭކަ ތިން ރުފިޔާ ތިރީސް އަށް ލާރި) އެވެ.
ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މުޙައްމަދު ފާއިޒެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.
މި ހަތަރު ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މި ރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީންވަނީ މީގެކުރިން އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.
މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްޔާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ.



