ސަލްޓަން ޕާކުގައި މަރާމާތުތަކެއްގެ މަސައްކަތް ކުރަން ޖެހޭތީ އެ ތަން އަލުން ތަރައްގީ ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިންފްރާސްޓްރަކްޗާ އިން ކުރި އިއުލާނެއްގައި ބުނީ، ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އެ ޕާކު ބަންދުވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މާލޭގެ ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެެވެ.
“މި ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން“ އެކްސްގައި ރައީސް މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.



