ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ގެންދަވަނީ ފުދުންތެރި ޖީލެއް ބިނާކުރުމުގެ ބިންގާ އަޅުއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރުކުމާ މިހެން ވިދާޅުވީ ރައީސް މުޢިއްޒު ރަށްތަކަށް ކުރައްވަމުން އަންނަ ދަތުުރުފުޅުގެ ތެރެއިން އެ ރަށްރަށުގައި އިފްތިތާހް ކުރައްވަމުން އަންނަ އަދި ބިންގާ އަޅުއްވައި ދެއްވަމުން އަންނަ މަޝްރޫޢުތަކަށް އިޝާރަތް ކުރައްވައެވެ.
އެގޮތުން ރުކުމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގައި ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަށް ނައްތާލާ، ފުދުންތެރި ޖީލެއް ބިނާކުރުމުގެ ތަޞައްވަރު ގެންގުޅުއްވާ ރައީސަކީ ހަމައެކަނި ރައީސް ޑރ. މުޢިއްޒު ކަމަށެވެ.
އަދި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ބޭންކިންގް ނިޒާމުން މަޙްރޫމްވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް ޖާގައިގެ ދަތިކަމުން ކައުންސިލްތަކާއި އ.ތ.މ.ކޮމިޓީތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްމަތަށް އަރާފައިވާ ބުރޫ ނިމުމަކަށް ގެނެސް ދެއްވާނީވެސް ރައީސް މުޢިއްޒު ކަމަށެވެ.
“އިޤުތިޞާދީ ނަފާ ހޯދުމަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އިތުރު ރަށެއް ހަމަޖައްސަވަމުން އެ ގެންދަވަނީ މި ރައީސް“ ރުކުމާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ލާމަރަކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫނުން ފުރަތަމަ އިންތިޚާބުވި ކައުންސިލްގެ މާލެ ސިޓީގެ ކައުންސިލަރުކަންވެސް ކުރައްވާފައިވާ ރުކުމާ މިހެން ވިދާޅުވީ ކައުންސިލްތަށް ބާރުވެރި ކުރެއްވުމަށް ރައީސް މުޢިއްޒު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ރުކުމާ ވިދާޅުވީ ރަށަށް މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ ބިންގާ އަޅުއްވަމުން، މަޝްރޫޢުގެ އަދާހަމަ ގާތުން ބައްލަވަމުން ގޮސް ނަތީޖާއާ ހަމައަށް ވާސިލުވާއިރު ދިވެހި ރާއްޖޭގައި އެއް ދައުރެއްގައި އެންމެ ގިނަ މުހިންމު މަޝްރޫޢު ބިނާކޮށްދެއްވި ރައީސަކަށް ވާނީ ހަމަ إنْ شاء الله ރައީސް މުޢިއްޒު ކަމަށެވެ.



