ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ފޮނުއްވައިފިއެވެ.
މި ބިލަކީ، 6 އޮގަސްޓް 2025 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ރައީސް ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.
ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިޞްލާޙު ގެންނަވަން ރައީސްއަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާޙްކުރުމަށް އެ މަނިކުފާނު ވަނީ ނިންމަވާފައެވެ.
އެހެންކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިޞްލާޙްތަކާ މެދު ވިސްނުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ މިއަދު ފޮނުއްވާފައެވެ.



