ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެެވެ.
މި ބައްދަލު ކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ ރައީސް އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު އުކުޅަހަށް ވަޑައިގެން އެ ރަށު ކައުންސިލް އިދާރާގައެވެ.
އެ ބައްދަލުކުރެއްވުމުގައި ވަނީ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހިމެނެއެވެ.
ހަމަމިއާއިއެކު ސްކޫލުގައި ލައިބްރަރީއަކާއި ސައިންސް ލެބެއް ނެތުމުން ކިޔަވާ ކުދިންނަށް ދިމާވާ ދަތިތައްވަނީ ހިއްސާކުރައްވާފައެވެ.
އަދި ރަށުގެ ޞިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިހާރު ހަދަމުންގެންދާ ބައި އަވަހަށް ނިންމައިދިނުމަށާއި، ތަނަށް ބޭނުންވާ މުވައްޒަފުންގެ ދަތިކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



