އއ. އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމުގެ މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެފްޑީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އުކުޅަހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމާއި ގުޅޭ މި އެއްބަސްވުމުގައި އެޑިޔުުކޭޝަން މިނިސްޓްރީގެ ފަަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ.އިސްމާއީލު ޝަފީއުއެވެ.
އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނެގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.
އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމަށް ސޮއިކުރެވިގެންދިޔަ އެއްބަސްވުމަކީ އެ ރަށަށް ވަރަށް ބޭނުންތެރި މަޝްރޫޢެއް ކަމަށެވެ.
އެގޮތުން އެ މަޝްރޫޢު ނިމުމާއެކު، ތަޢުލީމީ ކަންކަމަށް، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް، އަދި ވަކިން ޚާއްސަކޮށް ޓީޗަރުންނާއި، ސްކޫލުގެ އެންމެއި މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.




