ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމުގައިވާ މީޑިއާ ވިލެޖް ހިމެނޭ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، ”ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް“ އާ ހަވާލުކުރުމަށް އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ރޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަސްބާހް އަލީ ނަސީރު އެވެ. އަދި ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނައީމް އަދި ސީއީއޯ ފަހިޔަސް ޕަންގަޓްގެ އިތުރުން ސީއޯއޯ އަލީ ނާހިޒްއެވެ.
ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް ”މެންހަޓަން ގްރޭންޑ ހޮޓެލް“ ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ”ޑީޕް ސީފުޑް ކޮމްޕެނީ“ އިންނެވެ.
ހުޅުމާލޭގައި ތަރައްގީކުރާ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް އަދި ގައުމިއްޔަތު އިންސްޓިޓިއުޓްގެ އިތުރުން އެމްއެންޔޫ މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މިތަންތަން އެއްކޮށް ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 06 މަސް ދުވަހުގެ ތެރޭގައެވެ.
އަދި ހޮޓެލްގެ ބާކީ އޭރިއާގައި ފަސް ތަރި ސްޓޭންޑާރޑްގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ.




