އއ. އުކުޅަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ.
މި ހިދުމަތް އުކުޅަހުގައި ފައްޓަވައި ދެއްވީ އއ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.
އުކުޅަހުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ހިދުމަތުގެ އިތުރުން ބީއެމްއެލް އުކުޅަހު ބްރާންޗެއްވެސް މިއަދު ވަނީ ފަށާފައެވެ.
މި ދެ ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް މުޢިއްޒު އެވެ. އެގޮތުން އެމަނިކުފާނުވަނީ ރަމްޒީ ކާޑެއް ބޭނުންކޮށް އެ ދެ އޭޓީއެމް އިން ވެސް ހިދުމަތް ހޯއްދަވައި އެ ކާޑު ހަވާލު ކުރައްވާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެއް ވައުދުފުޅެވެ.




