ނިދާފައި އޮއްވާ، މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު، ބޮލަށް ހަމަަލާތަކެއްދީ ބޮޑެތި ޒަހަމްތަކަކާއެކު މަރާލާފައިވާ އއ. މާޅޮސް އޯކިޑްމާގޭ އަބްދުއްރަހްމާން އާދަމް (65އ.) ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ ކޮން ބައެއްކަން ހާމަވެއްޖެއެވެ.
އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮންބައެއްކަން ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
”ސައުވީސް“ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ:
° ލިލީފެހި، އއ. މާޅޮސް / މުހައްމަދު ވިސާމް (23އ.)
° ފިނިވާގެ، އއ. މާޅޮސް / އަހުމަދު ފާރިސް (28އ.)
° ފިޔަ، އއ. މާޅޮސް / އަހުމަދު އާޝިދު (28އ.)
އަބްދުއްރަހްމާން މަރުވި ދުވަހު މި ތިން ޒުވާނުންވެސް ރަށުގައި އުޅުނުކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުން ކުރި ހުރިހާ ކަމެއްގައިވެސް މި މީހުން ބައިވެރިވެ އެހީތެރިވިކަމަށް އެނގިފައިވެއެވެ.
މީގެއިތުރުން މި ޒުވާނުންނަށް އެފަދަ ތުހުމަތެއްވެސް ނުކުރެވޭކަމަށާއި މި ޒުވާނުންނަކީ ރަށުގެ އެންމެނާއިވެސް ގުޅޭ ކުށުގެ ވެށީގައި އުޅޭ ބައެއް ނޫންކަމަށްވެސް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ.
އަބްދުއްރަހްމާންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނުންގެ ތެރެއިން މުހައްމަދު ވިސާމްއަކީ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަނެއް ދެ ޒުވާނުންނަކީ ސަރުކާރުގެ ދެ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ދެ ޒުވާނުންނެވެ.
އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވައެވެ. އެ ގެއަކީ އޭނާގެ އަންހެނުންގެ ގެއެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ. އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެއެވެ.
ހައްޔަރުކުރި ތިން މީހުންނާ ބެހޭގޮތުން އެހެން ނޫހަކަށް މައުލޫމާތު ދެމުން އަބްދުއްރަހްމާންގެ އާއިލާއިން ބުނީ، އެ ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާއި މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ މީހުންނަކީ ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ މިއަދު ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ.



