މަޝްހޫރު ބިއުޓީ ސެލޫނެއް ކަމަށްވާ ނަދާ ސެލޫންގައި މަސައްކަތް ކުރި މުވައްޒަފަކު ވިހެއުމުގެ ސަބަބުން ނެގި ޗުއްޓީގައި ހުއްޓާ ވަޒީފާއިން ވަކިކުރުމުން އޭނާއަށް ބަދަލުގެ ގޮތުގައި ދޭން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމުމުން، މުސާރަ އާއި ބަދަލު ނުދޭން އެ ސެލޫންގެ ވެރިޔާ ފާތިމަތު ނަދާގެ ފަރާތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހައިކޯޓުގެ ވެބްސައިޓުން ދައްކާ ގޮތުގައި މެއި 29 ވަނަ ދުވަހު ޓްރައިބިއުނަލްއިން ނިންމާފައިވާ މި ނިންމުން ނަދާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ ޖޫން 29 ވަނަ ދުވަހުގައެވެ. ނަމަވެސް އެ މައްސަލަ ރެޖިސްޓްރީ ކުރުމާމެދު އަދި ހައިކޯޓުން ވަކިގޮތެއް ނުނިންމައެވެ.
ނަދާ ސެލޫންގައި 2018 އިން ފެށިގެން މަސައްކަތްކުރި އެ މުވައްޒަފު ވިހެއުމުގެ ޗުއްޓީއަށް ގޮސްފައިވަނީ އޮގަސްޓު 2024 އިން އޮކްޓޯބަރު 2024 އަށެވެ.
އޭގެ ކުރިން 2024ވަނަ އަހަރުގެ ޖުލައި 1 އިން 31، އަށް އެ މުވައްޒަފު ހުރީ އަހަރީ ޗުއްޓީގައެވެ. ނަދާ ސެލޫނުން ނިންމީ އޭނާގެ އަހަރީ ޗުއްޓީއަށް އެކަނި މުސާރަ ދިނުމަށެވެ. އަދި ވިހެއުމުގެ ޗުއްޓީގައި ހުރި މުއްދަތަށް ވާ މުސާރައާއި އިނާޔަތްތައް ދޭން ނުޖެހޭ ކަމަށް ނަދާ ސެލޫނުން ވަނީ އޭނާއަށް އަންގާފައެވެ.
އެކަމުގެ ސަބަބެއް ގޮތުގައި އެ ސެލޫނުން ބުނީ މެޓާނިޓީއަށްދާ މުވައްޒަފުންނަށް މުސާރަ ދެނީ އެނބުރި ވަޒީފާއަށް އަންނާނެކަން ޔަގީންވާ ކަމުގައިވާނަމަ ކަމަށެވެ. ނަމަވެސް ނަދާ ސެލޫނުން ހެދި ވަޒީފާގެ އެއްބަސްވުމުގައި އެފަދަ ވާހަކައެއް ބުނެފައެއް ނުވެއެވެ. އަދި ވަޒީފާއާއި ބެހޭ ގާނޫނުގައި ވެސް މެޓާނިޓީގައި ތިބޭ މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އޮކްޓޯބަރުގެ ނިޔަލަށް ވެސް މުސާރަ ނުދިނުމުން އެ މުވައްޒަފު ވަނީ މުސާރަ ނުދެވޭނަމަ ވަޒީފާއިން ވަކިވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި އެ މުއްދަތުގައި މުސާރަ ދޭން ޖެހޭ ކަމަށް ނުދެކޭ ކަމަށް ބުނެ ނަދާ ސެލޫނުން ވަނީ އޭނާ ކަނޑާލާފައެވެ.
މި މައްސަލައާ ގުޅިގެން ޓްރައިބިއުނަލް އިން ނިންމީ:
° ނަދާ ސެލޫނުން ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފުވިކަން.
° ނަދާ ސެލޫނުން މުވައްޒަފު ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް.
° މެޓާނިޓީ ލީވްގައި ހުރި މުއްދަތަށްވާ މުސާރައާއި އިނާޔަތުގެ ގޮތުގައި 48،600ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.
° ސަބަބެއްނެތި ވަޒީފާއިން ވަކިކުރި މައްސަލާގެ ބަދަލެއްގެ ގޮތުގައި ހަ މަހަށް ވާ މުސާރައާއި އިނާޔަތުގެ ގޮތުގައި 97،200ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.
° އެ މުއްދަތާ ދިމާވާ ރޯދަ މަހުގެ އެލަވަންސަށްވާ 3،000ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.
° މައްސަލާގައި ވަކާލާތުކުރި ގާނޫނީ ވަކީލަށް ދިން 35،000ރ. ނަދާ ސެލޫނުން ވަކިކުރި މުވައްޒަފަށް ދިނުން.
އެނގިފައިވާ ގޮތުގައި މި މައްސަލަ ބެލުމަށް ބޭއްވި އަޑުއެހުންތަކަށް ނަދާ ހާޒިރުވެފައެއް ނުވެއެވެ.



