ދެ ރަށެއްގެ ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ހއ. ބާރަށު ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތާއި ހއ. މާރަންދޫ ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ މަސައްކަތެވެ.
ހއ. ބާރަށް ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ އެއްބަސްވުމުގެ ދަށުން ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެއެވެ.
ހއ. މާރަންދޫ ޞިއްޙީމަރުކަޒުގައި އަލަށް ހަދާ ޢިމާރާތުގެ އެއްބަސްވުމުގެ ދަށުން ވޯޑް، ނާސް ސްޓޭޝަން، ލެބޯޓްރީ، ޕްރޮސީޖަރ ރޫމް، ޕްރައިވެޓް ރޫމް އަދި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރެވިގެންދާނެއެވެ.
މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ.
އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ނަޒީމެވެ. އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙުމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދެ މަޝްރޫޢު އަކީ ވެސް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ 11.5 މިލިއަން ރުފިޔާގެ ދެ މަޝްރޫޢުއެވެ.


