ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ކ. ހުރާއާއި ވ. ފުލިދޫގައި ސިއްހީ މަރުކަޒުތަކަށް އިމާރާތްތައް އިތުރުކުރުމަށާއި، ކ. ކާށިދު އާއި އދ. ދިއްދޫގައި ހުންނަ ސިއްހީ މަރުކަޒުތަކުގައި އަލަށް ބިނާކުރާ އިމާރާތްތަކުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުތަކުގެ ތަފްސީލަށް ބަލާލާއިރު، ފުލިދު އާއި ހުރާގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތްތައް ބިނާކުރުމަށް ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ފުލިދޫގެ ސިއްހީ މަރުކަޒު 27 މިލިއަން ރުފިޔާއަށް، އަދި ހުރާގެ ސިއްހީ މަރުކަޒުގެ އިމާރާތް 27.2 މިލިއަން ރުފިޔާއަށެވެ.
އަދި މަސައްކަތް ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް އަހަރެއްގެ ތެރޭ އަމަލީ މަސައްކަތް ނިންމާލާ ގޮތަށެވެ.
ދިއްދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތްތައް ނިންމަން ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 12 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫޢުގެ ދަށުން ޕަބްލިކް ހެލްތު ޔުނިޓާއި މަލްޓިޕާޕަސް ހޯލާއި ވޯޑާއި ނަރުހުންގެ ޖަގަހައާއި ލެބޯރެޓަރީއާއި ޕްރޮސީޖާ ރޫމާއި ޕްރައިވެޓް ރޫމާއި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރުން ހިމެނެއެވެ.
މިއީ ނުވަ މަސް ދުވަހުގެ ތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މީގެ އިތުރުން ކާށިދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތްތައް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އަށް މަސް ދުވަހުގެތެރޭ ނިންމާގޮތަށް 7.1 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫޢުގެ ދަށުން ވޯޑަކާއި ނަރުހުންގެ ޖަގަހައަކާއި ލެބޯޓްރީއަކާއި ޕްރޮސީޖާ ރޫމަކާއި ޕްރައިވެޓް ރޫމާއި ގަރާޖާއި ގުދަނެއް އިތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުالله އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.



