ހދ. ހަނިމާދޫގައި އިމާރާތް ކުރާ ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަންގެ މަސައްކަތަށް އާރްޑީސީން ބިން ސާފު ކުރަން ފަށައިފިއެވެ.
އާރްޑީސީން މިކަން ހާމަކޮށްފައި ވަނީ އެ ކޯޕަރޭޝަނުން ރޭ ކުރި ޕޯސްޓެއްގައެވެ.
އާރްޑީސީން ކުރި ޕޯސްޓުގައި ބުނީ އެ ކޯޕަރޭޝަނުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހދ. ހަނިމާދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ފެށުމަށް ބިން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތަރައްޤީކުރާ ޕޮލިސް ސްޓޭޝަން އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބިން ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕްރޮޖެކްޓުތަކުގެ އަދާހަމަކޮށް އެ ކޯޕަރޭޝަނުން ރޭ ކުރި އިތުރު ޕޯސްޓެއްގައި ވަނީ އެ ކޯޕަރޭޝަނުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހދ. ހަނިމާދޫ، ނޮޅިވަރަމް، އަދި ކުޅުދުއްފުށި ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތްކޮށްފައިވާކަން ހާމަކޮށްފައެވެ.
ހަމައެހެންމެ އާރްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޅުދުއްފުށީ ސިޓީ ޖަލާލުއްދީން ސްކޫލްގެ ޕާކިން ސަރަހައްދުގެ ވޯކްވޭގެ މަސައްކަތް ނިންމާލާފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.



