ދ. އަތޮޅު “ވައްލަ“ އަކީ އެ އަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިގޮތަށް ނިންމަވާފައި ވަނީ ޤަރާރު ނަންބަރު 2025/21 އިންނެވެ.
އަދި ނިލަންދެއަތޮޅު ދެކުނުބުރީ “ވައްލަ“ އަކީ އެ އަތޮޅުގެ ކުޑަހުވަދޫގެ ބައެއް ކަމުގައި ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ދ. ވައްލަ ހަމަޖެއްސުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ދ. ކުޑަހުވަދޫގެ އިޤްތިޞާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ދ. ވައްލަ ހަމަޖެއްސަވައިދެއްވާނެ ކަމުގައި ރައީސް ވަނީ 2025 މާރިޗް 5 ގައި ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.



