މާތް ﷲ އިންސާނީ ނަސްލު ދުނިޔޭގައި ލެއްވެވީ އެއްވެސް މަޤްޞަދެއް ނެތި، ބޭކާރު ގޮތެއްގައެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ރަނގަޅު މުޖުތަމަޢެއް ބިނާކުރުން“ މި ނަމުގައި މިއަދު ދިން ހުކުރު ޚުޠުބާގައި ބުނީ ﷲ تَعَالَى އިންސާނީ ނަސްލު ދުނިޔޭގައި ލެއްވެވީ އެއްވެސް މަޤްޞަދެއް ނެތި، ބޭކާރު ގޮތެއްގައެއް ނޫން ކަމަށާއި އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން ކަމަށެވެ.
ޚުޠުބާގައި ބުނީ ކޮންމެ ޙާލެއްގައި ވެސް އިންސާނާއަށް އެންމެ މަޞްލަޙަތު ހުރި ގޮތް އެންމެ މޮޅަށް ދެނެ ވޮޑިގެންވަނީ، އެ އިންސާނާ ޚަލްޤުކުރެއްވި ޚާލިޤުވަންތަ ﷲ ކަމަށެވެ. އަދި އެކަލާނގެ އިންސާނާގެ ޙަޔާތް ބައްޓަންކުރަންވީ ހެޔޮ މަގު ދެއްކެވުމަށްޓަކައި ނަބީބޭކަލުން ފޮނުއްވި ކަމަށެވެ.
”މިއުންމަތުގެ ނަބިއްޔާ މުޙައްމަދު ފޮނުއްވީ ޤިޔާމަތަށް ދާންދެން ދެމި އޮންނާނެ، ޝާމިލު، ފުރިހަމަ ޝަރީޢަތަކާއިގެން“ ޚުޠުބާގައި ބުނެފައި ވެއެވެ.
މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފަހި ފުރުޞަތު ކަމަށާއި ސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ ފަހި ފުރުޞަތު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، އަހަރެމެންގެ ޢަޤީދާއާއި، އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް، ބައެއް ޒުވާނުން ކަސިޔާރުވޭ،މި ކަމާ މެދު މާޔޫސްވެފައި ތިބުމުގެ ބަދަލުގައި، ރިވެތި ގޮތުގައި ނަސޭހަތްތެރިވެ، ޢިލްމާއި ޙިކުމަތާއި އޯގާތެރިކަމާ އެކު، އެ ޒުވާނުންނަށް ހެޔޮމަގަށް މަގުދައްކައިދޭން ޖެހޭ“ ޚުތުބާގައި ބުނެފައި ވެއެވެ.
މިއީ މިއަދު ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް، އުންމަތަށް ޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެއް ކަމަށާއި ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ހުރީ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްޓަންކޮށްގެން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
އިސްލާމް ދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދާ ކަމަށާއި ހިތާމައަކީ މި ކަމުގެ ވިހަ އަސަރު އަހަރެމެންގެ ތަޢުލީމާއި ތަރުބިޔަތަށް ވެސް ފޯރާތީ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”އެ ކަމުގެ ސަބަބުން އަހަރެމެންގެ ޅަދަރީންގެ ސިކުނޑިތައް ދޮވެވި، އެ ކުދީން ފިޠުރަތުގެ މަގާ ދުރަށް ގޮސް މާއްދިއްޔަތަށް ގޮސް ހުސްވެ، އުންމަތުގެ މުސްތަޤުބަލު ބަނަވެ އަނދިރިވަމުންދޭ“ ޚުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއް ގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމަޔަށް ބައްޓަންވެގެން ކަމަށާއި ޅަފަތުގައި، އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރީންގެ ހިތްތަކުގައި ބިންވަޅުނަގައިދީގެން ކަމަށެވެ.



