ދުޅަހެޔޮ ދޮށީ އުމުރަކަށް ވާސިލުވުމަށްޓަކައި ގެންގުޅެވިދާނެ ރަނގަޅު އާދަތަކާ ގުޅޭގޮތުން އިސްރަށްވެހިންގެ ނާދީގައި މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
އާއިލީ ތަރައްޤީއާބެހޭ މިނިސްޓްރީން ބުނީ މި ސެޝަންގައި ދުޅަހެޔޮ ދޮށީ އުމުރަކަށް ވާސިލުވުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތަކަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުމާއި، ޞިއްޙަތަށް ފައިދާހުރި ކެއިންބުއިމުގެ އާދަތައް އަށަގެންނެވުމާއި، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމާ ގުޅޭ މަޢުލޫމާތުތަކާއި، އަމަލީގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގިނަ މަޢުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ސެޝަން ނަންގަވައިދެއްވީ ޖެންޑަރ ކޮންސަލްޓަންޓް އަދި ސަރޓިފައިޑް ކޯޗް، ފާޠިމަތު އާފިޔާއެވެ.
އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، މުޖުތަމަޢުގައި ޝާމިލުކުރަނިވި ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ހަރަކާތްތަށް އަބަދުވެސް ކުރިއަށް ގެންދެއެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން އެދެއެވެ.



