ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 1826 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްޤީކުރި 4,000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން 2000 އަށް ވުރެ ގިނަ ފަރާތްތަކަކާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއި ކޮށްފައެވެ.
އެގޮތުން އެފްޑީސީން ބުނީ މިހާތަނަށް 1826 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އަދި ޖުމްލަ 2774 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މިއީ އެ ކޯޕަރޭޝަނަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށްވާއިރު، މިހާތަނަށް 2،665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން އެފްޑީސީއަށް ވަނީ ފޮނުވާފައެވެ.
މި 4،000 ފްލެޓު މަޝްރޫޢުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.
16 ޓަވަރު ހިމެނޭ މި މަޝްރޫޢުގެ 96 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.



