ހުޅުމާލޭ އިންޖީނުގޭގައި މިއަދު ހެނދުނު ސްޓެލްކޯއިން ކުރަން ތާވަލުކުރި މަސައްކަތް ނިންމަން އަންދާޒާކުރި ވަގުތުގެ ކުރިން ނިންމައި، މާލެއާއި ހުޅުމާލެއަށް ކަރަންޓު ދީފިއެވެ.
ސްޓެލްކޯއިން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރާތީ މިއަދު ހެނދުނު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ އިންޖީނުގެ މޭޖަރ މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު 6:00 އިން 10:00 އަށް އެ އިންޖީނުގެ ނިއްވާލަން ވަނީ ތާވަލު ކޮށްފައެވެ.
ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އެއް ގަޑިއިރު ތެރޭގައި ހިދުމަތް އަލުން ލިބޭނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ކުރިން ބުނެފައެވެ.
މި މަސައްކަތާ ގުޅޭގޮތުން ދާދި ދެންމެއަކު ސްޓެލްކޯއިން ދިން އަދާހަމައިގައި ބުނެފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާ އިންޖީނުތައް ލޯޑަށްލެވި، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް މިހާރު ގެނެވިފައިވާ ކަމަށެވެ.
”މިއާއެކު ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި.“ ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ، މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް އެ ކުންފުންޏަށް ދެމުންދާ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށާއި ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.




