ރާއްޖޭގައި ޒަކާތުގެ ޤާނޫނެއް އުފެދުން ވެގެންދާނީ، ޒަކާތުގެ ރޮނގުން އާއުސްމިނަކަށް ރާއްޖެ ގެންގޮސްދޭނެ ޤާނޫނަކަށް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ފެށި ދެވަނަ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ”އިންޒެކް 2025“ ގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާރު ޝަރަފުވެރި ކޮށްދެއްވީ މެލޭޝިއާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޑރ. އައިޝަތު މުނީޒާއެވެ.
ޒަކާތު މަހާސިންތާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގައި ޒަކާތުގެ ޤާނޫނު ވުޖޫދުވެގެން މިއަންނަނީ އިދާރީ ގޮތުން ޒަކާތާ ހަވާލުވެ ބެހުމުގެ އިންތިޒާމުތައް ޝަރުޢީ ހަމަތަކުގެ މަތިން ގެންދިޔުމަށް ކަމަށެވެ. އަދި މި ޤާނޫނު ވެގެންދާނީ ޒަކާތުގެ ރޮނގުން އާއުސްމިނަކަށް ރާއްޖެ ގެންގޮސްދޭނެ ޤާނޫނަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޝަހީމްގެ އިތުރުން ޒަކާތު ހައުސްއާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ރާއްޖޭގެ އިސްލާމީ ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އެކި ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕްރޮފެސަރ މުނީޒާވަނީ މިފަދަ ކޮންފަރެންސްތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ޒަކާތުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2025 (އިންޒެކް 2025) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ބައިނަލްއަޤްވާމީ ދެވަނަ ޒަކާތު ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


