ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
މި މަޝްރޫއުއަކީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ.
އެގޮތުން އެ ކްލާސްރޫމްތައް ތައްޔާރުކޮށްފައިވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކޮށްދޭ ގޮތަށާއި
އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެންނެވެ.
ވޭމަންޑޫ ސްކޫލްގެ އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމެވެ.



