ރާއްޖެއަކީ ޓެކްސްގެ މުޖުތަމައެއް ގާއިމްކޮށްފައިވާ އަދި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް މިހާރު ވެސް އަމަލުކުރާ ގައުމަކަށް ވާއިރު، ޒަކާތުގެ ގާނޫނެއް ހަދައި ޒަކާތް ދިނުން ފުޅާކުރުން ޓެކްސްއާ ގުޅުވާނީ، އަދިވެސް ދިވެހިންގެ މެދުގައި ހޭލުންތެރިކަން ނެތުމުން ކަމަށް މެލޭޝިއާގެ އިންސެފް ޔުނިވާސިޓީގެ ޑީން ޑރ. އާއިޝަތު މުނިޒާ މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. މުނީޒާ މިހެން ވިދާޅުވީ ޒަކާތު އިންޓަނޭޝަނަލް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
ޒަކާތާ ގުޅޭ ބިލެއް ސަރުކާރުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާއިރު، ގިނަ ބަޔަކު އުފައްދާ އެއް ސުވާލު އުފައްދާފައިވަނީ، ސަރުކާރަށް ޓެކްސް ދައްކަމުން އައި ނަމަވެސް، ޒަކާތު ފަންޑުގެ ނިޒާމުގެ ތެރެއިން އިންވެސްޓް ކޮށްގެން ފަގީރުންނާއި މިސްކީނުންނަށް ޒަކާތް ބެހުމުގެ ކަންކަން ފުޅާކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ، އެކި ނަންނަމުގައި ސަރުކާރަށް ޓެކްސް ނަގަނީ ރައްޔިތުންނަށް ހިދުމަތްތައް ދީ، މުޖުތަމައު މުއްސަނދި ކުރަން ކަމަށް ވާއިރު ޒަކާތުގެ ފައިސާ އިން އިންވެސްޓް ކުރާ ގޮތާ މެދު އެވެ.
”ޓެކްސްއާ ގުޅޭ ގާނޫނުތަކަކީ އިންސާނުން އުފައްދާފައިވާ ޒިންމާއެއް. ޒަކާތަކީ އިލާހީ ވާޖިބެއްކަން. ޓެކްސް އިން ސަރުކާރުތައް ދެމެހެއްޓޭ. ނަމަވެސް ޒަކާތުން އެންމެ ނާޒުކު މީހުން އުފުލައިދޭ“ ޑރ. މުނީޒާ ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ޓެކްސްއާ ގުޅޭ ގާނޫނުތަކަށް ރާއްޖޭގައި އަމަލު ކުރާއިރު ވެސް ޒަކާތާ ބެހޭ ހާއްސަ ގާނޫނެއް ހަދާތީ ސުވާލު އުފެއްދުމުން ދޭހަވަނީ އަދިވެސް ދިވެހިން ހޭލުންތެރިކަން އިތުރު ކުރަން ޖެހިފައިވާ ކަން ކަމަށެވެ.



