ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައުދާނުގައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުންގެ އަރިހު ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޭފުޅުންނަށް ޖުމްހޫރީ މައިދާނުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވީ ޑިފެންސް މިނިސްޓަރު މުޙައްްމަދު ޣައްސާން މައުމޫންއާއި ދިވެހިބަހާއި އަދަބިއްޔާތުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެވެ.
ޤައުމީ ދުވަހުގެ ދިދަ ނެގުމަށްފަހު މި ރަސްމިއްޔާތުގައި ޚާއްސަ ދުޢާއެއް ކުރުން ވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ އެމްއެންޑީއެފްގެ ފަރާތުން ޤައުމީ ލަވަ ކިޔުމަަށްފަހުގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަ ކުރަނީ މިއީ އަލް-ސުލްތާން އަލް-ޣާޒީ މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ދުވަސް ކަމަށްވާތީ، އެ ތާރީޚީ ދުވަހުގެ ހަނދާނުގައެވެ.



