ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްމަރްހޫމް މުޙައްމަދު މާޖިދު (މެޒޯ މޯޑް) އަށް ޝަރަފުވެރިކަމުގެ ހަނދާނީ އެވޯޑެއްް ދީފިއެވެ.
މެޒޯ މޯޑުގެ ހަނދާނުގައި ދިން މި އެވޯޑާ ހަވާލުވީ އޭނަގެ އަންހެން ދަރިފުޅު އަދި މަަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދު އެވެ. އެވޯޑު ހަވާލުކޮށްދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްްެއެޗްގައި ފަރުވާ ދެމުން ދަނިކޮށް، މެޒޯ މޯޑް ނިޔާވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ. ނިޔާވިއިރު އުމުރުން 59 އަހަރެވެ.
މިޔުޒިކުގެ ދާއިރާގައި މެޒޯ މޯޑަކީ އޭނާގެ ނަން ފަނޑުވެގެން ނުދާނެ ލެޖެންޑެކެވެ. ކުރިން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، އުމުރުން އެންމެ ހަތް އަހަރުން ފެށިގެން އޭނާ ވަނީ މިޔުޒިކީ ދުނިޔެއާއި ގުޅިފައި ކަމަށެވެ. އެއިރުގެ މަޝްހޫރު ކްލަބެއް ކަމަށްވާ ”ކްލަބް ކޯބްރާސް“ އާއެކު މިޔުޒިކީ ހަޔާތް އޭނާ ފެށީ ގާޑިޔާތަކުގައި ޢީދު ޝޯ ދެމުން ކަމުގައި މެޒޯ މޯޑު ބުންޏެވެ.
އެއަށްފަހު މިޔުޒިކީ ދާއިރާގައި ކުރިއަށްދަމުން ގޮސް، ނުވަ ދިހައިގެ އަހަރުތަކުގައި އުފެދުނު ”މެޒޯ“ ގްރޫޕުގެ މެންބަރެއްގެ ގޮތުގައި އޭނާ ވެސް ހިމެނުނެވެ. އެ ގްރޫޕުގައި ހަރަކާތްތެރިވީއިރު ވެސް އޭނާ ކިޔާފައި ހުރި ލަވަތައް އެންމެންނަށް ވެސް ނުހަނު ކަމުދިޔައެވެ. އެ ލަވަތަކުގެ ތަފާތުކަމާއި އަމިއްލަވަންތަކަމުން، އެ ލަވަތަކަކީ އެހާރާ މިހާރުގައި ވެސް ބައެއް މީހުން އަޑުއަހަމުންދާ، އަދި ކިޔާލަމުންދާ ލަމަތަކެކެވެ.
އޭނާގެ އެންމެ މަޝްހޫރުވީ ލަތަކުގެ ތެރޭގައި ”އެޅިމި ކަނޑުމަތި“، ”މަސްތު“، ”ވިސްނާ ވިސްނާ“ އަދި ”ދާނޭހެ ތިހަނދާން ފިލާ“ ގެ އިތުރުންވެސް އެތައް ލަވައެއް ހިމެނެއެވެ.
މިޔުޒިކީ ދާއިރާގެ އިތުރުން ފަހުން، ސިޔާސީ ދާއިރާގައި ވެސް ފަހުން ބަސްބުނާ މީހެއްގެ ގޮތުގައި އޭނާ ފެންނަމުން ދިޔައެވެ.
މިޒާޖުގައި މަޖާޒީ ގޮތެއް ހުރި، އަދި އެންމެންނާވެސް އެހާމެ ގުޅޭ މެޒޯ މޯޑުގެ ކުއްލި ވަކިވުމުގެ ސަބަބުން އޭނާއަށް ހެޔޮ ދުޢާކޮށް އެތައް ބަޔަކު ވަނީ އޭނާ ނިޔާވި ޚަބަރާ ގުޅިގެން މީސްމީޑިއާގައި ހިތާމަފާޅުކޮށް، ތައުޒިޔާގެ މެސެޖު ފޮނުވާފައެވެ.
އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ކުރީ ސަރުކާރުތަކާއި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނެއެވެ. އޭގެ އިތުރުން ފަންނީ ދާއިރާގެ އެތައް ފަންނާނުންނެއް ވެސް ވަނީ މި ހިތާމައިގައި ބައިވެރިވެފައެވެ.



