މިނިވަންކަމާއި ޒިންމާތަކާއެކު ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަނެކާގެ އަބުރާއި އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީީ އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއްް ނޫންކަމަށެވެ.
އަދި ހިތަށް އަންނަހާ އެއްޗެއް ބެލުމެއްނެތި ދުލުން ބޭރުކުރުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް ލިބިފައި އޮތް މިނިވަން ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިތަށް އަންނަހާ އެއްޗެއް ދުލުން ބުނެ، ގަލަމުން ލިޔުމަކީ މިނިވަންކަމެއް ނޫން ކަމަށެވެ.
ނަމަވެސް މުޖުތަމައުން މިހާރު ފެންނަ ކަންބޮޑުވުމަކީ، ތިމާގެ ކުރިއެރުމަށް ކޮންމެ ފަދަ ގޮތެއް ހަދާފައި ނަމަވެސް އަނެކާގެ އަބުރާއި އިއްޒަތަށް އަރައިގަތުން ކަމަށާއި އަޅުގަނޑުމެންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިޙުތިރާމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.
”އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްޤީ އާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްޤީއާ އެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްޤީ ލިބޭނެ“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ކޮންމެ ދިވެއްސަކީވެސް، ޤައުމުގެ އަބުޠާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭކަމަށާއި އަމާން އަދި އުފާވެރި ޤައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިން ކަމުގައި ވިދާޅުވެފައެވެ.



