ވަގު ތައުލީމީ ސެޓްފިކެޓު ހުށަހެޅުން އިތުރުވެއްޖެ ކަމަށާއި އެކަން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން ވަނީ އިތުރުވެފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ޤައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންނާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މި މައްސަލަތައް ދަނީ ތަހުގީގު ކުރަމުން ކަމުގައި ވެސް ވިދާޅުވިއެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާނެ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ (ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން) އާއި 311 ވަނަ މާއްދާ (ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން) އަދި 312 ވަނަ މާއްދާ (ޝަހުސު އޮޅުވާލުން) ގެ ދަށުން ޖިނާއީ ކުށެކެވެ.
”މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން.“ ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުން ހަނދާންކޮށްދެއްވިއެވެ. އަދި ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ސައްހަނޫން ސެޓްފިކެޓެއްކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށާއި މިގޮތުން ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށްވެސް ފުލުހުން ވިދާޅުވިއެވެ.




