އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ބާއްވާ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު، ޑރ. ޢަބްދުﷲ ޚަލީލް ސަޢޫދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ކަމަށެވެ.
އެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އަހަރުގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ބައްދަލުވުމުގައި އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ކުށްވެރިކޮށް އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލައި މަޝްވަރާކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވާއިރު، ފަލަސްތީނުގެ މައްސަލައާ ގުޅިގެން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ހާމަކުރައްވައި ފަލަސްތީނަކީ މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތު ކުރާނެކަން ހާމަކުރައްވާނެއެވެ.
ހަމައެހެންމެ އިސްރާއީލުގެ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ މުޅިން ހިލާފު ކަމެއްކަމަށާއި އެކަން ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނު ތަންފީޒުކޮށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާނެއެވެ.



