ހދ. އަތޮޅުގައި ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ވަރަށް އިސްކަންދޭ ކަމަށާއި އެ އަތޮޅުގައި ޓޫރިޒަމް ނެތް ކަމަށް އޮންނަ ލޭބަލް ކަނޑުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ނާވަައިދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކއވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ހދ. އަތޮޅުގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަށް ގެންގޮސް، އަތޮޅުތެރޭގައި ޓޫރިޒަމް ކުރިއަށް ގެންދިޔުމަކީ މިހާތަނަށް ނުވެ އޮތް ކަމެއް ކަމަށެވެ.
ޓޫރިޒަމްއަށް ބަލާއިރު، ހދ. އަތޮޅަކީ ޓޫރިސްޓު އަތޮޅުތައް އެންމެ މަދު އެއް އަތޮޅެވެ.
”ހދ. އަތޮޅާއި ޓޫރިޒަމް ނެތް ނުވަތަ މަދު އަތޮޅުތަކަށް އިންވެސްޓު ކުރާ އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކަކާ އެކު އިންވެސްޓުމެންޓަށް މިހާރު ވާނީ ހުޅުވާލާފަ. މި އަތޮޅުން ވެސް ވަރަށް ގިނަ ފަޅުތަކާއި ފަޅުތަކުން ބައިތަކާ މިކަހަލަ ތަންތަން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 10 ވަރަކަށް ސަރަހައްދު މި އަތޮޅު ތެރެއިން ވާނީ އިއުލާނުކޮށްފައި. މިހާރު ބިޑަށް ހުޅުވާލާފައި އެވަނީ އޯޕަން ޓެންޑަރިންނާ އަދި ކްލޯޒްޑް ޓެންޑަރިންނަށް.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ބައެއް ސަރަހައްދުތަކަށް އިންވެސްޓު ކުރުމަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށް މައުލޫމާތު ސާފުކުރުމުގެ ކަންތައް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.




