ހދ. ނައިވާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ރަށް ގިރުމުގެ މައްސަލަ ބޮޑުވެ، ބޯހިޔާވަހިކަމަށާއި، ސިނާޢީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ޖާގަ ނައިވާދޫގައި ނެތުމުގެ ކަންބޮޑުވުން އެ ރަށުގެ ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.
ނައިވާދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނައިވާދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އެގޮތުން ނައިވާދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ކުރެއްވީ ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ އެވެ.
ނައިވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަަކަދައްކަވަމުން ރައީސް ވިދާޅުވީ ނައިވާދޫ ބިން ހިއްކުމަކީ އެ މަނިކުފާނު އެ ރަށަށް ވެވަޑައިގަތް އެންމެ މުހިންމު ވައުދު ކަމަށެވެ.
ނައިވާދޫން 7 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ ސަރަޙައްދު ޙިމާޔަތްކުރުމަށް 619 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
މިއީ ދައުލަތުގެ ބަޖެޓުން 82 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢު އަހަރެއްގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.



