ކުޑަ ކުއްޖަކަށް ވަޅިއެއް ވިއްކައިފިނަމަ އެއްލައްކަ ރުފިޔާގެ ބޮަޑު ޖޫރިމަނާ ކުރެވޭ ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ބުނީ، ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުން މިއަދުން ފެށިގެން މަނާވާނެ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން، ކުޑަކުއްޖަކަށް ވަޅިއެއް ވިއްކައިފި މީހަކު 20،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރެއްވީ ހަމަ އެ މަހުގެ 25 ވަނަ ދުވަހުގައެވެ.
މި ބިލުގައި ބުނެފައިވާ ގޮތުގައި މިފަދަ ގާނޫނެއްގެ ބޭނުމަކީ:
° ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން
° އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުން
° ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން
° ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން


