މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހދ. ނައިވާދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
އެ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިވާދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ނައިވާދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އަދި ނައިވާދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދު އެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު، މިނިސްޓަރ އޮފް ހެލްތް އަބްދުالله ނާޒިމް އިބްރާހިމް އަދި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރާއި ކުންފުނިތަކުގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިވާދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީން އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓް 2025 ގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



