ހދ. ނެއްލައިދޫގެ ތަރައްޤީއަށް މުހިންމު ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ މަޝްރޫޢުތައް ފައްޓަވައިދެއްވާފައި ވަނީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ނެއްލައިދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
ނެއްލައިދޫއަށް ވަޑައިގެން ރައީސް ވަނީ ނެއްލައިދޫގެ ތަރައްޤީއަށް މުހިންމު ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވާފައެވެ. އޭގެ ތެރޭގައި ރަށުގެ ޞިއްހީ މަރުކަޒަށް ބޭނުންވާ ޖާގައިތުރުކޮށް ޚިދުމަތް ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
އަދި އެ މަޝްރޫޢު ގެ ތެރެއިން ޞިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތްވެސް މި އަހަރާއި އަންނައަހަރު ކޮށްދެއްވާނެ ކަމަށެވެ.
ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ފަސްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފައްޓަވާފައެވެ.
މިއީ ރިޔާސީ އިންތިޚާބުގައި އަދި ފަހުންވެސް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
މި މަޝްރޫޢު ތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރު ކުޅެވޭގޮތަށް ވަސީލަތްތައް ޤާއިމްކުރެވޭއިރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަކޮށް، މި އަހަރު ނިންމަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”މިއަދު ބިންގާ އެޅި މިސްކިތަކީ ފަސްސަތޭކަ މީހުންގެ ޖާގައިގެ ޒަމާނީ، ރަނގަޅު ފެންވަރުގެ، ލައިބްރަރީ އާއި ކްލާސްރޫމްތައް ވެސް ހިމެނޭނެ މިސްކިތެއް“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ސްކޫލަކީ އޭލެވެލްއަށް ކިޔަވައިދޭ ނަތީޖާ ރަނގަޅު ސްކޫލެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލަށް ބޭނުންވާ ހުރިހާ ވަޞީލަތްތައް ފުރިހަމަވާގޮތަށް، ސްކޫލް ތަރައްޤީކުރުމުގެ މަޝްރޫޢެއް ވެސް ނެއްލައިދޫގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެއްގެ އިތުރުން ނެއްލައިދޫ ޑިންގީ ޕްލެޓްފޯމް ޤާއިމްކުރުމާއި މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
މިއަދު ނެއްލައިދޫގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތްވެސް ފަށާފައެވެ.



