ހދ. މަކުނުދޫއަކީ ވަކިންއެކަހެރިކޮށް، ދަތުރުފަތުރު ކުރުމުގައި އުނދަގޫ ހިސާބެއްގައި އޮންނަ ރަށެއްކަމަށްވާތީ އެރަށުގައި އެއާޕޯޓެއް ގާއިމްކުރުމަކީ ޒަރޫރީ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން އުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މަކުނުދޫއަށް ވަޑައިގެން،އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
އެކަމުގެ ސަބަބުން ރަށުގެ ދަތުރުފަތުރާއި އިޤްތިޞާދަށް އަންނާނެ ކުރިއެރުން ފާހަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް ވެގެންދާނީ ރަށުގެ އިޤްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށްކަމަށެވެ.
މަކުނުދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި މިއަދުގެ ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ.
އޭގެ ތެރޭގައި މަކުނުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން މަކުނުދޫ މަގުހެދުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަކުނުދޫގައި 1800 މީޓަރުގެ ރަންވޭއެއް ހެދުމާއި، އެއާޕޯޓްގެ އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށާއި ރަށުގެ ގެދޮރުއެޅުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާވަރަށް ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރަށުގެ ބޭނުމަށް ބާވީސް ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަކުނުދޫ އެއާޕޯޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަކުނުދޫގެ ޞިއްހީ ހިދުމަތް ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ޞިއްހީ މަރުކަޒު ތަރައްޤީ ކުރަނީ އެންމެ މަތީލެވެލް ކަމަށްވާ، ލެވެލް ހަތަރެއްގެ ޞިއްހީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ.
މިގޮތުން ޖާގައާއި ވަސީލަތްތައް އިތުރުވެގެންދާއިރު، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މަކުނުދޫ މަގުހެދުމުގެ މަޝްރޫޢުގައި ސޮއިކުރައްވައި، މަކުނުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތްވެސް ވަނީ ފައްޓަވާފައެވެ.



