ހދ. މަކުނުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ޖަލްސާގައެވެ.
އެ ރަސްމިއްޔާތުގައި އެ ޚިދުމަތް ފަށްޓަވައިދެއްވީ، ހޯމް މިނިސްޓަރު ޢަލީ އިޙްސާންއެވެ.
ހޯމް މިނިސްޓްރީން ބުނީ މި ޚިދުމަތް މަކުނުދޫގައި ފެށުމާއެކު، މިހާރު ހދ. އަތޮޅުގެ ދެ ރަށަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެއީ ކުޅުދުއްފުށީ ސިޓީ އަދި މަކުނުދޫއެވެ.
މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާފަވާއިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 14 އަތޮޅެއްގައި އެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި މި ޚިދުމަތް ފަށަމުން އަންނައިރު މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައި ވެއެވެ.


