އިޤްތިޞާދީ ނަފާ ހޯދުމަށް ރައްޔިތުންނާ ގުޅިގެން ކައުންސިލުން ހުށަހަޅާ ކަންކަމަށް އިޖާބަ ދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާ ކަމަށެވެ.
“އެއީވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކޮށްފައިވާ ބިމެއް. އެ ބިމުގެ ބޭނުން ކުރުމަށްވެސް، ރައްޔިތުންގެ މަޝްވަރާއާއެކު ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން މަގުފަހިކޮށްދޭނެ“ ރައީސް ވިދާޅުވިއެވެ.
މި ދަތުރުގައި ހިމެނިގެން މިއަދު ވަނީ، ނޭކުރެންދޫ ސްވިމިންގ ޓްރެކް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަސައްކަތް ކުރިއަށްގެންދާނީ ބަނދަރުގެ މަސައްކަތާ އެކުއެކީގައި ކަމަށެވެ.
މިހާރު ކުރިއަށްދާ ބަނދަރުގެ މަޝްރޫޢު ނިމިގެންދާނީ، އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ބަނދަރުގެ ޖާގައަށް 100 ފޫޓު އިތުރުކުރައްވައިގެންކަމަށާއި، ދޯނި އެހެލާ ސަރަޙައްދަކާއި، މޫދަށް އެރޭ ސަރަޙައްދެއްވެސް މި މަޝްރޫޢާއެކުގައި ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރެއްވުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ދިގުލައިގެންގޮސްފައިވާ ސްކޫލް މަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އާ ދިރާސީ އަހަރު، އާ އިމާރާތް ބޭނުންކުރެވޭނޭ ގޮތަށް މަޝްރޫޢު ނިންމަވައިދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.
އަދި ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، ލަސްވެގެން އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފައްޓަވައިދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



